ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ، ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމުގެ މައުލޫމާތު އެ ސާވިސް އަށް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާކަން ހާމަކޮށް ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަންތަކުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ގާނޫނާއި ގަވާއިދާ ހިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި، ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުއާމަލާތެއް ކުރާކަން އެނގިއްޖެނަމަ، ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ކަސްޓަމްސް އިން ވަނީ އެދިފައެވެ.