ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި އެ ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ނެގުން އަވަސްކުރުމުގެ އިހްތިޔާރު އިލެކްޝަން ކޮމިޝަން (އީސީ)އަށްދީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީއިން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލަވުމުގައި ވަނީ އެ ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވެއެވެ.
ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް:
- ވޯޓް ނެގުމުގެ މަދުވެގެން 21 ދުވަހުގެ ކުރިން އެ ވޯޓުގެ މައުލޫމާތު ކަރުދާސް އީސީއިން އާންމުކޮށް، ލޯކަލް ކައުންސިލް މެދުވެރިކޮށް އެ ކަރުދާސް އާންމުންނަށް ލިބޭނެ ލުއިފަސޭހަ ގޮތް ހަމަޖެއްސުން
- ވޯޓް ނަގަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އެ ވޯޓު ނަގަންޖެހޭ ކަމަށް އޮތް ނަމަވެސް، ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު 45 ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ނެގުމުގެ އިހްތިޔާރު އީސީއަށް ދިނުން
- ހިޔާލު ހޯދުމުގެ ވޯޓުގެ އަގުލަބިއްޔަތު ބަލާނީ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބުމުން
- ވޯޓަށް ބޭނުންވާ ފައިސާއަށް އެދި އީސީއިން ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން އެ ފައިސާ ދޫކުރަން ޖެހޭނެ
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މި އިސްލާހުތައް ގެނައުމަށް ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. އެ ބިލު މަޖިލީހުން ބަލައިގަތުމަށް ފެންނަކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުންވެސް ވޯޓު ދެއްވާފައިވާއިރު، ބިލު ބަލައިގަތީ 62 މެންބަރުންގެ ތާއީދާ އެކުގައެވެ.