ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދޮންފަނުގެ ބިން ނުހިއްކަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ އޮގަސްޓުމަހު ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދޮންފަނަށް ވަޑައިގެން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދުވެވަޑަގަތީ އެ ރަށެއްގެ ރައްޔިތުންގެ އެކަމަކަށް އެދުމުން ކަމަށެވެ. އަދި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވެވަޑައިގެންނެވި ކަމާއި އެކަމަށް އެގްރީމެންޓްގައި ސޮއިކުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ރައްޔިތުން އެކަން މިހާރު ބޭނުން ނުވާތީ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ މިނިސްޓްރީއިން އެކަން އަންގާނެ ކަމަށެވެ. މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ ސަބަބުން ހަނިފަރު ފަޅަށް ގެންލުއްވާނެތީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައިވެސް ސޮއިކުރަން ފަށާފައިވާއިރު އެ ޕެޓިޝަނުގައި މިހާތަނަށް 5،300 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.