ސިވިލް ސާވިސް މުވައްޒަފުން ރިޓަޔާކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލްކޮށް، އަލުން މަޝްވަރާކުރުމަށް ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސީއެސްސީން ނެރުނު ސާކިއުލާގައި ވަނީ، ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ގޮތުގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައްވެސް ހިމެނޭނެ ކަމަށެވެ.
އެހެންކަމުން، އެސްޓީއޯ އާއި އެމްޓީސީސީ އާއި އެޗްޑީސީ އާއި އެމްއޭސީއެލް އަދި އާރުޑީސީ ފަދަ ކުންފުނިތަކުގައި ހިދުމަތް ކޮށްފައިވާ މުވައްޒަފުން އެތަނެއްގައި ހޭދަ ކުރި މުއްދަތު ސިވިލް ސަރވިސް ވަޒީފާއިން މުސްކުޅި ކުރާއިރު ހިމަނާނެއެވެ.އަދި މިހާރު ވަޒީފާގައި ތިބި ފަރާތްތަކުން އެފަދަ ތަޖުރިބާގެ ރިކޯޑެއްވާނަމަ އެ ލިޔުންތައް ހުށަހެޅުމަށް ވެސް އެދިފައި ވެއެވެ.
އެކަމަކު އެ ސާކިއުލާ ބާތިލްކޮށް، މިއަދު އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ އެ ސާކިއުލާ ބާތިލްކުރީ ކަމާ ގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޮމިޝަނުން ހިއްސާކޮށްފައި ނުވެއެވެ.