ދޭދޭ ދެ މީހަކު ދިމާވިޔަސް ދައްކަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކައެވެ. ކުރާ މަސައްކަތާއި ލިބޭ އުޖޫރައިން މަހެއްގެ ހަރަދުތައް ފޫނުބެއްދޭ ވާހަކައަކީ މި މުޖްތަމައުގައި އާ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ބޮޑު ކުލި ދައްކައިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާއަކަށް އަބަދުވެސް ވެފައި އޮންނަނީ ލިބޭ މުސާރަ ކުޑަ ވާހަކައެވެ. ދިރިއުޅުމާއި އަނބި ދަރީންނަށް ފުއްދާދޭންޖެހޭ ޒަރޫރީ ބޭނުންތައް ފުއްދުމަށްފަހު މަހުގެ ބާކީ އޮންނަ ދުވަސް ވަރު ކިރިޔާ ކާލައިގެން އުޅެވޭ ވަރު ވަނީއެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މިއީ ދިރިއުޅުމެއް ނޫނެވެ. މިއީ ގަނަ ތެޅުމެވެ.

މި ހުރިހާ ޝަކުވާތަކަކާއެކު ވެސް އިހަށް ދުވަހު އިވިގެން މިދިޔައީ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ވާހަކައެވެ. މުސާރަ ބޮޑުކުރި ވާހަކަ އަޑު އިވުމުން ކޮފީއެއް ލިބޭތޯ ރައްޓެއްސަކަށް ވެސް ގުޅީމެވެ. އެކަމަކު ކޮފީއެއްގެ ބަދަލުގައި ބަންޑުންކޮށްލީ އަނެއްކާވެސް ޝަކުވާތަކެކެވެ.

"އާނ! މުސާރަ ބޮޑުވެއްޖެ އެކަމު މުސާރައާ އެއްވަރަށް ގޭގެ ކުއްޔާއި ވިޔަފާރި ގެތަކުން ލިބޭ އެއްޗެހީގެ އަގު ވެސް ބޮޑުވޭ. މިވަރުން ކޮފީއެއްވެސް ނޫން ބޮވޭނީ..." ހިނިގަނޑެއް ޖަހާލުމަށްފަހު ރަހުމަތްތެރިޔާ ފޯނު ބޭއްވިއެވެ.

އެއީވެސް މުޅިއަކުން ދޮގެއް ނޫނެވެ. ލިބޭ މުސާރައާ އެއްވަރަށް ކާބޯތަކެތީގެ އަގުތަކާއި ގެދޮރުގެ ކުލި އަހަރުން އަހަރަށް މިދަނީ މައްޗަށް އުފުލެމުންނެވެ. މިކަމުގެ ސަބަބުން މުސާރައިގެ ބޮޑު ބައެއް އަސާސީ ބޭނުންތަކަށް ހޭދަކުރަން ޖެހެއެވެ. އެއްކަލަ ބޮޑުކުރި މުސާރައާ އެއްވަރަށް މާދަމާ ތަކެތީގެ އަގު ބޮޑުވުމުން ރައްޔިތު މީހާއަށް އޭގެ އެއްވެސް ފައިދާ އެއް ނުލިބެއެވެ. ލިބެނީ ހަމައެކަނި މުސާރަ ބޮޑުކުރި ކަމުގެ ނަމެއް އެކަންޏެވެ.

މިސާލަކަށް ބަލާލަމާ ހެއްޔެވެ. ފާއިތުވި 5-10 އަހަރު ދުވަހު މާލެއިން 1 ކޮޓަރީގެ އެޕާޓްމަންޓެއް 8000ރ. އާއި 10،000ރ. އަށް ލިބެއެވެ. ނަމަވެސް މިހާރު އެވަރުގެ އެޕާޓްމަންޓެއްގެ އަގު އުޅެނީ 12،000ރ. އާއި 13،000ރ. ދެމެދު އަގެއްގައެވެ. އެއްކަލަ މުސާރައިން ބޮޑުވި 2،000ރ. ހަރަދު ކުރަން މި ޖެހެނީ ބޮޑުވި ކުއްޔަށް ދައްކާށެވެ. ކާބޯތަކެތިވެސް ހަމަ އެފަދައެވެ. އެއް މަހު ގަންނަން ލިބޭ ތަކެތި ޖެހިގެން އަންނަ މަހު ގަންނަން ދާއިރު އޭގެ އަގުން 5ރ. ވަރު ބޮޑުވެއެވެ. ކޮންމެ މަހަކު މިފަދައިން ބޮޑު ވާނަމަ އާންމު ރައްޔިތު މީހާއަށް މި އުފުލަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެކެވެ.

ބާޒާރު މަތީގައި ހުރި ފިހާރައަކުން ބަޔަަކު ވިޔަފާރި ކުރަނީ / ފޮޓޯ: ދަ ޕްރެސް

އެހެންކަމުން މުސާރަ ބޮޑު ކުރި ނަމަވެސް މިކަމުގެ ނަފާ ރައްޔިތުންނަށް ލިބޭ ކަމާމެދު މިހާރު ސުވާލު އުފެދެއެވެ. އެކަމަކުވެސް މި ފަހުން ބޮޑުކުރި މުސާރަ އާ ގުޅޭ ތަފްސީލުތަކަށް އަލިއަޅުވާލާނަމެވެ.

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ހުސްވި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

އެގޮތުގެ މަތިން، ސިވިލް ސާވިސް އަދި ސަރުކާރު މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • ބިޒްނަސް އެޑްމިނިސްޓްރޭޓިވް ސާވިސް
  • އެޑިއުކޭޝަނަލް ސާވިސް
  • ހެލްތް ސާވިސް
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސާވިސް
  • ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސާވިސް
  • ޕްރޮޓެކްޓިވް ސާވިސް
  • ސައިންސް އެންޑް ބިލްޑް އެންވިރޮމެންޓް ސާވިސް
  • ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި ބައެއް އިސްލާހުތައް:

  1. އެއްވެސް މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރާ ތާރީހުން ފެށިގެން، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އިނާޔަތް ދޭންޖެހޭނަމަ، އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިދޭ.
  2. ހުކުރު / ހޮނިހިރު ދުވަސް، ރަސްމީ ބަންދު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ރަސްމީ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ނުވަތަ އެޓެންޑަންސް ބެނެފިޓް ލިބޭނެ ގޮތަށް އިންތިޒާމް ހަމަޖެހުން.
  3. ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ މިނިމަމް ވޭޖަށް ވުރެ އިތުރުވުން.
  4. މަސައްކަތުގެ ބާވަތުން (ފަހެލި ނުވަތަ ފްލެކްސިބަލް) ގަޑިތައް ހަމަޖެއްސޭނެ ގޮތަށް އަމަލުކުރުން.

މީގެ އިތުރުންވެސް، ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ، އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރައަށާއި މަސައްކަތް ކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެންނެވެ. މި ފަހަރު ގެނައި މި ބަދަލުގައި ސިވިލް ސާވިސްގައި ހުރި ފަންނުތައް ވަކިކޮށް، އެ ފަންނަކަށް އެކަށޭނަ މުސާރައާއި އިނާޔަތްތައް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ފަންނުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ އެ ފަންނެއްގެ ފަންނުވެރި ކަމަށާއި، އުފުލަންޖެހޭ ބުރައަށާއި އަދި މަސައްކަތް ކުރަންޖެހޭ މާހައުލުފަދަ ކަންކަމަށް ބަލައިގެން ކަމަށްވާތީ، މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަންޖެހޭ ރިސްކަށް ބަލާފައި ވެއެވެ.

މުސާރަ އާއެކު އާންމުންގެ ހިޔާލު

ސިވިލް ސާވިސްގައި 20 އަަހަރު ގުނަމުންދާ މީހަކު ބުނީ މުސާރަ ބޮޑު ކުރުމުން ލިބޭ އުފަލެއް ނޯންނަ ކަމަށެވެ. އޭނާ ބުނާ ގޮތުގައި އެހެން ދިމާވަނީ ކުރިން ވެސް ބުނިހެން ލިބޭ މުސާރަ އާ އެއްވަރަށް އަސާސީ ބޭނުންތަކުގެ އަގު އުފުލުމެވެ.

އެހެން މީހަކު ބުނީ، އިތުރު ގަޑީގެ ފައިސާ 8 ގަޑިއިރު ހަމަކޮށްފައި ލިބުމަކީ ވެވޭ ބޭ އިންސާފެކެވެ. ސަބަބަކީ ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރު ފަހު 14:00 އާ ހަމައަށް ކަމުން މަސައްކަތް ކުރަން ލިބެނީ 6 ގަޑިއިރެވެ. އަދި އޭގެ ފަހުން 1 ގަޑިއިރު މަސައްކަތް ކުރި ނަމަވެސް ޖުމްލަ 8 ގަޑިއިރު ހަމަ ނުވާތީ އެ ގަޑި އިތުރުގަޑިއަށް ނުފެތެއެވެ.

"ކަރަންޓު ބިލް، ފެން ބިލް ގޭ ކުލި ދަރިންގެ ސްކޫލް ފީ، އެ ހުރިހާ އެއްޗެއް ދައްކާ ނިމޭއިރު އޮންނަނީ ކާލާ ލާރީ އެކަނި، ފިހާރަތަކުން ވެސް އެއްޗެހި ލިބޭ ވަރު އަގުބޮޑު،" އިތުރު މީހަކު ހިޔާލު ފާޅުކުރިއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 54،000 މުވައްޒަފުންގެ މުސާރައަށް 17.1 ބިލިއަން ދިނުމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ކުލިތަކާއި އަގުތައް ބޮޑުވިޔަ ނުދިނުމަށް ޕޮލިސީ މޭކަރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ

ސިޔާސަތެއްގެ ދަށުން ވިޔަސް ކުލިތަކާއި ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް މިވަނީ އަޅަން ޖެހިފައެވެ. ތަރައްގީ އާއި ބޭސްފަރުވާގެ ގޮތުން ބެލި ނަމަވެސް ރާއްޖޭގެ އެންމެންވެސް ބަރޯސާވާން ޖެހިފައި މި އޮންނަނީ މި ކުޑަ ވެރިރަށް މާލެއަށް ކަމާ މެދު ޝައްކެއް ނެތެވެ. ތައުލީމު، ވަޒީފާ، ސިއްހަތު އަދި އަސާސީ ހިދުމަތް ހޯދުމަށާއި ދަރީންނަށް ރަނގަޅު ތައުލީމެއް ހޯދާ ދިނުމަށް ވެސް ވަކި ހިސާބަކުން މާލެއަށް ބަދަލުވުން އޮންނަނީ ފާޑަކަށް މަޖުބޫރުވެފައެވެ.

އެހެންކަމުން މާލެ ބަދަލު ވުމަށްފަހު ވެސް ކޮންމެ ފަރުދަކުވެސް ބަރޯސާ ވާންޖެހެނީ މަހު ކުއްޔަށެވެ. އަނބިދަރިން ގޮވައިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެވެނީ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި ނަމަވެސް ކުލި 15،000ރ. އާއި 17،000ރ. އަށް އަރައެވެ. އަދި ރަނގަޅު ފެންވަރަކަށް ހަދާފަ ހުރެއްޖެ ނަމަ 20،000ރ. އަށް ވެސް އަރައިގެން ދެއެވެ. ނަމަވެސް ލިބޭ އާމްދަނީއަށް ބެލުމަށްފަހު މަޖުބޫރުވަނީ 1 ކޮޓަރީގެ އެޕާޓްމަންޓެއްގައި ތޮއްޖެހިގެން އުޅުމަށެވެ.

މި ކަމަށް ހައްލެއް ގެނައުމަށް މާލެ ސަރަހައްދުގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިމައްސަލައަށް އޮތީ ހައްލެއް ނުލިބިއެވެ. މީގެ ކުރިން 800 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު މާލޭ ޓެނަންޓްސް ޔޫނިއަނުން ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލައިފައެވެ.

ހަމަ އެފަދައިން ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް ވެސް ފިޔަވަޅު އަޅަން މިވަނީ މަޖުބޫރުވެފައެވެ. ކާބޯތަކެތީގެ އަގު ގުޅިފައިވަނީ އިންފްލޭޝަން އާއެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 4.1 ޕަސެންޓުގައެވެ. އިންފްލޭޝަން މަތިވާރަކަށް ކާބޯތަކެއްޗަށް އޭގެ އަސަރު ކުރާ މައިގަނޑު ސަބަބަކީ ރާއްޖޭގެ 90 އިންސައްތަ ތަކެއްޗަކީ ބޭރު ގައުމުތަކުން އެތެރެކޮށްގެން ވިއްކާ ތަކެއްޗަށް ވުމެވެ.

މިކަމަށް ހައްލެއް ގެނައުމަށް އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގެ ގޮތުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ވަރަށް އަވަހަށް ތައާރަފު ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިއްމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ.

އަގުތައް ކޮންޓްރޯލް ކުރުމުގައި ވަށާ ޖެހޭ ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިތުރު ހައްލުތައް އަވަސް ގޮތެއްގައި ގެނައުމަކީ މުހިންމު ކަމެކެވެ. އެހެން ނޫންނަމަ މުސާރަ ބޮޑު ކުރި ނަމަވެސް އާންމު ރައްޔިތުންނަށް އެއިން ނަފެއެއް ނުލިބޭނެއެވެ.