ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިމަހުގެ 8 ވަނަ ދުވަހު ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށްޓަކައި އެއް ގަޑިއިރަށް ރަންވޭ ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ވީއައިއޭ އިން ބުނެފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ރެގިއުލޭޓަރީ ޝަރުތުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއް ފަހަރު އެއާޕޯޓްގައި ބާއްވަން ޖެހޭ މި އެކްސަސައިޒުގެ، ހުރިހާ ތައްޔާރީތަކެއް ނިމުމަކާ ގާތްވެފައިވާ ކަމަށް ވީއައިއޭ އިން ވަނީ ބުނެފައެވެ. މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ އެއާޕޯޓްގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ބެލުމާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިހާރު ލިޔެވިފައިވާ އެއާޕޯޓް އިމަޖެންސީ ޕްލޭންގެ ދަށުން ކަނޑައެޅިފައިވާ ދައުރުތަކާ އެއްގޮތަށް އެ ފަރާތްތަކުން ހަރަކާތްތެރިވެވޭތޯ ބެލުން ކަމަށް ވީއައިއޭގެ އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ޖެނެރަލް މެނޭޖަރު އާޒިނާ އަބުދުލް މަތީން ވިދާޅުވިއެވެ.
މި އެކްސަސައިޒް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށް އެއާޕޯޓްގެ ރަންވޭ އެއްގަޑިއިރަށް ބަންދުކުރުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ އެކްސަސައިޒްގައި 102 މީހުންނަށް އަނިޔާވެ، 185 މީހުންގެ އާއިލާއަށް އަސަރުކުރި ކަމަށް ބަލައިގެން ޑްރިލް ސިމިއުލޭޓް ކުރުމަށް ހަމަޖެހިފައިވާކަމަށް އާޒިނާ ވަނީ ވިދާޅުވެފައެވެ. ފުލް ސްކޭލް އެކްސަސައިޒްގައި ފޭކް މަތިންދާބޯޓެއް ބޭނުންކޮށް، އެއާކްރާފްޓްގައި އަލިފާން ރޯކުރުމުގެ އަމަލީ ތަމްރީނެއް ކުރިއަށް ގެންދާނެކަން ހާމަކޮށް އާޒިނާ ވިދާޅުވީ ވީއައިއޭ އާއި އެކު އިތުރު 32 މުވައްސަސާއަކު މި އެކްސަސައިޒަށް އެއްބާރުލުންދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އާޒިނާ ވިދާޅުވީ ހަވީރު 5:00 ގައި ރަންވޭ ހުޅުވާލައިގެން އާދައިގެ އޮޕަރޭޝަންތަކާއެކު، އިމަޖެންސީ އޮޕަރޭޝަންތައް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އެކްސަސައިޒްގެ ހުރިހާ ދާއިރާއެއް އެކްޓިވޭޓްކުރެވި، އެ ދުވަހުގެ ރޭ 21:00 އާ ހަމައަށް ހަރަކާތްތެރިވާނެކަމަށެވެ. އިތުރަށް އާޒިނާ ވިދާޅުވީ އެ އާކްރާފްޓްގައި އަލިފާން ރޯކުރުމާއެކު، ހަވީރު 4:00 އިން ފެށިގެން ދުމާއި އަލިފާން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެންނާނެކަމަށެވެ.