ވޯލްޑް ޓްރެވަލް އެވާޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އިވެންޓާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މާލެ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އާއިޝަތު ޝިރާނީ ނާސިރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެއާ ސާވިސް ޑިވެލޮޕްމަންޓްގެ ޖެނެރަލް މެނޭޖަރު ނަޝާޔާ އަބްދުއްވާހިދެވެ.

މި ކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވިޒިޓް މޯލްޑިވްސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ވޯލްޑް ޓްރެވަލް އެވާޑްސް އިޝްތިހާރުކުރުމާއި ބްރޭންޑިންގްގެ ތަފާތު ހަރަކާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއީ ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާ ގުޅިގެން، ރާއްޖޭގައި ބޭއްވޭ މިފަދަ ބޮޑު ހަރަކާތެއް އެންމެ ފުރިހަމައަށް އިންތިޒާމުކޮށް އިންތިޒާމުތައް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމްއޭސީއެލްއިން ބުނީ، ވިޒިޓް މާލްޑިވްސްއާއެކު މިފަދަ އެއްބަސްވުމެއް ގާއިމުކުރެވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދީ، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއޭސީއެލްއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވާޑެވެ. މި އެވާޑް ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކޮށް، ދާއިރާގެ އިސް ފަރާތްތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބޭ ރަން ފުރުސަތެކެވެ.