ފުކެޓުން އިންޑިއާގެ ދިއްލީއަށް އަންގާރަ ދުވަހު ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓަކަށް ބޮޑު ޓާބިއުލެންސަކާ ދިމާވެ، ހަތަރު ކްރޫން ހިމެނޭ ގޮތަށް 17 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހަތް ފަސިންޖަރަކަށް ދިއްލީގެ ވަސަންތު ކުންޖްގައި ހުންނަ ފޯޓިސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ފްލައިޓް އޭއައި2379 އިން ގެންދިޔަ މީހުންނަށް ފަރުވާ ދިނުމަށް 'ކޯޑް ޔެލޯ' އެކްޓިވޭޓްކޮށް، ސީޓީ ސްކޭނާއި އެމްއާރްއައި އަދި އެކްސްރޭ ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އިތުރަށް މޮނިޓާކުރުމަށް އެ މީހުން މިހާރު ވަނީ އެޑްމިޓްކުރާ ކޮޓަރިތަކަށް ބަދަލުކޮށްފައެވެ.

ފްލައިޓު ތެރޭގައި ހިނގި ކަންކަން ކިޔައިދެމުން އޭއެންއައިއަށް މައުލޫމާތު ދިން ފަސިންޖަރަކު ބުނި ގޮތުގައި، ކުއްލިއަކަށް ފްލައިޓް 300 ފޫޓު ތިރިއަށް ވެއްޓުނެވެ. އެ ވަގުތު ސީޓްބެލްޓް އެޅުމަށް އަންގައިދޭ ނިޝާން ދިއްލާފައި ނުވާ ކަމަށް އޭނާ ބުންޏެވެ. މި ކުއްލި ލޮޅުމާއެކު މަތީގައި ހުރި ލަގެޖްތައް ވެއްޓި، ބައެއް ކަބަޑުތަކުގެ ދޮރުތައް ހަލާކުވެފައިވާ ކަމަށް އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ފަސިންޖަރު އިތުރަށް ބުނި ގޮތުގައި، އޭނާގެ ބައްޕަ ކޮފީ ބޯން އިންދާ ވިއްސައިގެން ގޮސް ޖެހުނީ ފްލައިޓުގެ ފުރާޅުގައެވެ. އަދި މަންމަގެ ބޯ މަތީގައި އިން ކަބަޑުގައި ޖެހި ދުޅަވެފައިވާއިރު، އޭނާގެ އަންހެނުންނާއި ދެ އަހަރުގެ ދަރިފުޅު ވެސް ވިއްސައިގެން ގޮސް ގޮނޑިތަކުގެ ދޭތެރެއަށް ވެއްޓުނު ކަމަށް ބުންޏެވެ. އެ އާއިލާއަށް އެއާޕޯޓުން މެޑާންޓާ ޓީމުން ފަރުވާ ދިނުމަށްފަހު، ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށް ޑޮކްޓަރުން ބުނުމުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ފްލައިޓު ތެރޭގެ މަންޒަރުތައް ވީޑިއޯކުރި މިންޗެން ނަމަކަށް ކިޔާ ފަސިންޖަރަކު ބުނީ، މިއީ އޭނާގެ ހަޔާތުގައި ދުށް އެންމެ ބިރުވެރި ދެ ގަޑިއިރު ކަމަށެވެ. އަދި ސީޓްބެލްޓް ނިޝާން ނިވިފައި ހުރި ނަމަވެސް އަބަދުވެސް ބެލްޓް އަޅައިގެން ތިބުމަށް އޭނާ އެދުނެވެ. އިޓަލީގެ ފަސިންޖަރެއް ކަމަށްވާ ވިވިއާނާ ބުނި ގޮތުގައި، އޭނާގެ އުހުތު ވައިގެ ތެރެއަށް ވިއްސައިގެން ގޮސް، މަންމަގެ ބޮލަށް އަނިޔާވިއެވެ. އަދި އެ ވަގުތު މަރުވެދާނެ ކަމަށް ހީކުރެވުނު ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފަސިންޖަރުން ވަނީ ޕައިލެޓާއި ކެބިން ކްރޫން ދިން އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ފަސިންޖަރުން ވަނީ ގޮވާލާފައެވެ.