މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ / ނަރުގިސްމާގެ އުމުރުން 56 އަހަރުގެ އަބްދުލްޣަނީ އަބްދުލްމަޖީދުގެ އިތުރުން އެގޭ އުމުރުން 27 އަހަރުގެ އަހްނަފް އަޝްރަފްއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ މާފަންނު ގެއެއް ބަލައިފާސްކޮށްފައެވެ. އެގެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބަރުދަނުގައި 304.73 ގުރާމް ހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާ ދީފައެވެ. އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41،500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ 3 މީހަކު ހައްޔަރުކުރި ކުރިކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް 3 ވަނަ މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އަބްދުލްޣަނީ އަބްދުލްމަޖީދު އަދި އަހްނަފް އަޝްރަފްގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ދެން ހައްޔަރުކުރި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.