ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ބާނީއެއް ކަމަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޔޫ މަނިކު އަވަހާރަވެފައި ވަނީ އާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށެވެ.
އެމްޔޫ މަނިކުއަކީ ފަތުރުވެރިކަންް ރާއްޖެއަށް ތައާރަފު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އެމްޔޫ މަނިކު އެންމެފަހުން އަދާކުރައްވާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާމަންގެ މަގާމެވެ. އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެމްއޭސީއެލްގެ ބޯޑާ 2013 ވަނަ އަހަރު ގުޅިވަޑައިގެން އެމްޔޫ މަނިކު ވަނީ އެމްއޭސީއެލްއަށް 10 އަހަރު ހިދުމަތް ކުރައްވާފައެވެ.
އެމްޔޫ މަނިކުއަކީ ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންއެވެ. އެމަނިކުފާނަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ)ގެ ކޯ-ފައުންޑާ އަދި ޗެއާމަންވެސް މެއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ސަރުކާރުގެ އިސް މަގާމުތައް ވެސް އަދާކުރައްވާފައެވެ.
1982 ވަނަ އަހަރު އެމްޔޫ މަނިކަށް ފަތުރުވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު އެ މަނިކުފާނަށް ވަނީ އެ ދާއިރާއިން 2002 ވަނަ އަހަރު ޝަރަފުވެރި ކަމުގެ އިނާމު ލިބިވަޑައިގެންފައެވެ. މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.