މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖީލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް ރައްޔިތުން މަޖިލިސް ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މަޖިލިސް ކައިރިއަށް އެއްވެފައި ތިބި ނޫސްވެރިން ތިބީ ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޮޑުތަކެއް ވެސް ހިފައިގެންނެވެ. އެ ބޯޑުތަކުގައި އެ ބިލު ކަމުނުދާ ކަމަށާއި އެ ބިލު ބޭރު ކުރުމަށް ވަނީ ގޮވާލާފައެވެ. މި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނާގޮތުގައި މަގުމައްޗަށް ނިކުމެ ޕްރޮޓެސްޓް ކުރުމަކީ ކުރަން އެންމެ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ނޫސްވެރިންގެ ހަގުތައް ނިގުޅައިގަނެ ހަނިވެފައިވާ ކަމަށާއި އެހެންކަމުން ހައްގުތައް ހޯދުމަށް މަގުމައްޗަށް ނިކުންނަން މަޖުބޫރުވީ ކަމަށެވެ.
މިއަދު މަޖިލީހުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އެޖެންޑާގައި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭ ގޮތުގައި އެ ބިލް ބަލައިގަންނަން މާދަމާ މަޖިލީހުގައި ވޯޓަށް އަހާނެއެވެ.
މަޖިލީހަށް ބިލު ހުށަހަޅައި، އޭގެ ބަހުސް ފެށީ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު ބޭއްވި ޖަލްސާގައެވެ. ނަމަވެސް އެ ޖަލްސާއާ ދިމާކޮށް ނޫސްވެރިން އިހުތިޖާޖުކުރުމުން ޖަލްސާ ކުރުކޮށްލައި ނިންމާލިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް "ހަތަރެއްގެ ހައްގުގައި"ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބިލު އަނބުރާ ގެންދިޔުމަށް މެންބަރުންނަށް ގޮވާލައި ނޫސްވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މިހާތަނަށް އައި އިރު ގިނަ އަދަދެއްގެ ނޫސްވެރިން އެ ޕެޓިޝަންގައި ވަނީ ސޮއި ކޮށްފައެވެ.
ޕެޓިޝަންގައި ބުނެފައިވަނީ އެ ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށެވެ. އަދި ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނަފާއިވާ ކަމަށެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާ މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލާފައިވާތީ މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އަމިއްލަ މެންބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިއަޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.