ވަޒީފާ ހޯދަން ސައްހަ ނޫން ސެޓްފިކެޓު ހުށަހަޅާ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފޭކު ސެޓްފިކެޓުތައް ހުށަހަޅާ، ވަޒީފާ ހޯދާ މައްސަލަ އަކީ ރާއްޖޭގައި ފަހަކަށް އައިސް އިތުރުވެފައިވާ މައްސަލައެކެވެ. މިކަމާ ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު އިތުރުވެފައިވާކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލޭކަމަށާއި މިކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބ،ި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށާއި، މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރުވެސް ފޮނުވާފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ޖިނާއީ ކުށެއް ކަމަށާއި، މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން ވަނީ ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދެމުން ފުލުހުން ވަނީ ސެޓްފިކެޓާ މެދު ޝައްކުވެ، އެކަން ކަށަވަރު ނުވެއްޖެ ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްވެސް އެދިފައެވެ.