ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ރާއްޖޭގައި އަމަލު ކުރާއިރު ވެސް ޒަކާތާ ބެހޭ ހާއްސަ ގާނޫނެއް ހަދާތީ ސުވާލު އުފައްދަމުން ދަނީ އަދިވެސް ދިވެހިންގެ މެދުގައި ހޭލުންތެރިކަން ކުޑަވުމުން ކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޕްރޮފެސަރު ޑރ. އާއިޝަތު މުނިޒާ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަކީ ޓެކްސްގެ މުޖުތަމައެއް ގާއިމް ކޮށްފައިވާ އަދި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް މިހާރު ވެސް އަމަލުކުރާ ގައުމަކަށް ވާއިރު ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރާތީ ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މުނިޒާ ވަނީ ގިނަ ބަޔަކު ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބުދެއްވާފައެވެ.

އެގޮތުން މުނިޒާ ވިދާޅުވީ ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއް ކަމަށާއި ޓެކްސް އިން ސަރުކާރުތައް ސަލާމަތްކޮށްދޭ ކަމަށެވެ. އަދި ޒަކާތަކީ އިލާހީ ވާޖިބެއްކަން ފާހަގަކުރައްވާ މުނިޒާ ވިދާޅުވީ ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭކަމަށާއި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގަން ވަކިން ހާއްސަ ގާނޫނެއް ބޭނުންވަނީ އެހެން ވެގެންކަމަށެވެ. ހަމައެކަނި ގާނޫނެއް ހަދައިގެން ފަރުޖެއްސެން ވެސް ނެތްކަން ފާހަގަކުރައްވަމުން މުނިޒާ ވިދާޅުވީ ޒަކާތް ނެގުމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އާ ވިސްނުންތަކަށް ދާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރުގެ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ޖަމާކޮށްދެމުން ދިއުމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްގެ ގޮތަގައި ކަމަށެވެ. އެހެންނަމަވެސް ތަކީ އެ އަށް ވުރެ ބޮޑު މަގުސަދެއް ހާސިލް ކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއްކަަމަށް މުނިޒާ ވިދާޅުވިއެވެ.

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އަދި ޒަމާނީ ކުރުމަށް ޓެކްނޮލީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމާއި ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުމަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލްކޮށް، ގޭބީސީތަކުގެ ފަގީރުކަން ރިއަލް ޓައިމްގައި ބެލުމަށް އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ބޭނުންކުރުމަށް މުނިޒާ ވަނި ހުށަހަޅުއްވާފައެވެ. އިތުރަށް އޭނާ ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ޒަކާތާ މެދު އާންމުން ހޭލުންތެރިކުރުމަށް އިތުރު ކެމްޕެއިންތަކެއް ފެށުމާއި، ޒަކާތާ ގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓް ކުރުން ހިމެނެއެވެ،