ރަސްމާލެ ކުރިން ހިއްކަމުންދިޔަ މިންވަރު ދެ ގުނަކޮށް، މަޝްރޫއުގެ ސްޕީޑް އަވަސްކޮށްފިއެވެ.

މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. އަދި އެ މަސައްކަތް ފެށީ 8 މަސް ދުވަހުން ނިންމާ ގޮތަށް ނަމަވެސް މަސައްކަތް ނުނިމި ވަނީ ދިގުލައިގެންގޮސްފައެވެ.

އެކަމަކު މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދިޔުމަށް 21،000 ކިއުބިކް މީޓަރުގެ ޑްރެޖަރެއް މިހާރު ގެނެސް މަސައްކަތް ފަށާފައިވާއިރު ސައިޓް "ސީ"ގައި ހިމެނޭ 190 ހެކްޓަރާއި "އީ"ގައި ހިމެނޭ 75 ހެކްޓަރ ހިމެނޭޙެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މަސައްކަތުގެ ދުވެލި ހަލުވިކޮށްފައި މިވަނީ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރެއް ކަމުގައިވާ "ޔެންގ ޖުން 1" ގެނައުމާއެކުއެވެ. އެއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެކެވެ.

ރަސްމާލެ މަސައްކަތް މިހާރު ކުރަމުންދަނީ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ. އެގޮތުގެ މަތިން ކ. ފުށިދިއްފަރުފަޅުން 10،09 ހިއްކުމަށް ހަމަޖެހިފައިވާއިރު ބިން ހިއްކުމަށް ކަނޑައަޅާފައިވާ 1،009 ހެކްޓަރުގެ ތެރެއިން 129.6 ހެކްޓަރު ވަނީ ހިއްކާ ނިންމާފައެވެ.

އަދި އެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން 21،641 މުރަކަ ރައްކާތެރިކަމާއެކު ނެގުމަށްފަހު ވަނީ ކ. ބެންހާފަރު، ކ.މަނިޔަފުށި އަދި ބައެއް ރިސޯޓުތަކުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތަކަށް ބަދަލުކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ރަސްމާލެ ސައިޓް "ޖޭ" އިން މިހާތަނަށް 29 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. ބިމުގެ ބޮޑު މިނަށް ބަލާ ނަމަ މިއީ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެކެވެ.

މާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފް ވެގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ދިގު ދެމިގެންދާތީ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ކަމަށް ބުނެ މިދިޔަ ހަފްތާ ވަނީ އިދިކޮޅު ޕީޖީ ގުރޫޕުގެ މެންބަރުން އެ ސަރަހައްދަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ މިންވަރު ބަލާފައެވެ.