ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް މުހައްމަދު ޝަފީގު މަހްމޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް ޝަފީގު އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ 65 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އެ މަގާމަށް ޝަފީގު އައްޔަންކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު ޝިފާއަތު އަބްދުއްރައްޒާގުގެ މަގާމުގެ ދައުރު އަންނަމަހަށް ހަމަވާއިރު، ރައީސް އޮފީހުން ވަނީ 2 ފަހަރެއްގެ މަތިން އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
އެ ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ޖުލައި 30، 2025 ވަނަ ދުވަހަށް ހަމަވެފައިވާއިރު އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ 2 ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވައިފައިވެއެވެ.
އެ ކޮމިޝަނަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ފޮނުއްވި 2 ބޭފުޅުންނަކީ ޝަފީގު އިތުރުން މުހައްމަދު ފާރިސް ތޯހާއެވެ. އެހެންނަމަވެސް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ދިރާސާކުރުމަށްފަހު ނިންމީ ތޯހާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށެވެ.