ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހެންވޭރު ހޯސްޓްސައިޑް، އަބްދުލްޣަނީ މުހައްމަދު އައްޔަންކޮށްފިއެވެ.

އެ މަގާމަށް މިއަދު އަބްދުލްޣަނީ އައްޔަން ކުރީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޣަނީއަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު ޢަބްދުލްޣަނީ ވަނީ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންކަމުން މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ވަނީ ހަވާލުކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަމެއް މަޖިލީހުން ފާސްކުރުމަށްފަހުއެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަސިޓީން އެލްއެލްބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގް ފުރިހަމަ ކުރައްވާފައެވެ.

އަދި ޑރ. އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ. މި މަގާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް އެ މަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

މީގެ އިތުރުން އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ. އެ މަނިކުފާނުގެ ހިދުމަތުގެ ދިގު ތާރީހުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސާވިސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.