ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގެ ސައްހަ ކަމާ މެދު، އޭނާ ސުވާލު އުފައްދަވައިފިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވެފައި ވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތް ހިންގާފައި ވެއެވެ. އޭގެ ތެެރޭގައި ހިމެނެނީ ސްވޯން ފެމިލީ، ސްޓޯ ޕްރޯސް ޓްރޭޑިން، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު، އަހްމަދު އަދުހަމް އާ ބެހޭ ގޮތުންނެވެ.
24 ސޮފްހާގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެއެވެ.
އެގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މުއާމަލާތްތަކަކީ:
- ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި (ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު)
- އެ ފައިސާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި
- އަދި ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
- އޮފިޝަލް އިވެންޓްސް އަށް ސިވެކުން ދޫކުރި ފައިސާގެ ތެރެއިން 8 މިލިއަން ހަރަދުކުރީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓެއް ގަތުމަށް
އޭގައި ބުނާ 8 މިލިއަނަކީ ކޮމިޓްމަންޓު ފީ އެވެ. އަދި ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ވެސް މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
މި ރިޕޯޓު އާންމުވުމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި ކަމަށްވާ، އޮފިޝަލް އިވެންޓްސްއާ ގުޅުވާ ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ އަސްލެއް ކަމެއް ނުވަތަ ފޭކެއް ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. "ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީ އެވެ،" ޝުޖާއު ވިދާޅުވި އެވެ.
އަދި ހަމަ އެހެންމެ އޮފިޝަލް އިވެންޓްސްއަކީ ކުރީގެ ރައީސް ޔާމީން، ރައީސް ސޯލިހު އަދި މި ސަރުކާރުގައި ވެސް ކާމިޔާބު ގިނަ މަޝްރޫއުތަކެއް ހިންގި ކުންފުންޏެއްކަން ފާހަގަކޮށް، ޝުޖާއު ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރި ގޮތާއި އެ މަސައްކަތް ކުރި ގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި، އޭނާގެ ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ވެސް އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން ވިޔަފާރި ފުޅާކޮށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ އުއްމީދެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި ހަމަ އެހެންމެ ޝުޖާއު ވިދާޅުވީ އޭނާ އާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭ ގޮތުން މިއަދާ ހަމައަށް އައިއިރު ދުވަހަކު ވެސް އެއްވެސް އިދާރާއަކުން ކަމެއް ސާފުކޮށް، އެއްވެސް މައްސަލައެއް ނުބަލާ ކަމަށެވެ. އަދި ބަލަން ޖެހޭ ފަދަ އެއްވެސް މައްސަލައެއް ނޯންނާނެކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މައްސަލައެއް އޮތް ނަމަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ވާނެ ކަމަށެވެ.
އެފްއައިޔޫގެ ރިޕޯޓްތަކަކީ ކުށުގެ އަމަލުތަކާ ގުޅުން ހުރެދާނެ ކަމަށް ބެލެވޭ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭއިން ކަމާ ގުޅުން ހުރި އިދާރާތަކަށް ފޮނުވާ ސިއްރު ރިޕޯޓެކެވެ. ނަމަވެސް އެ ރިޕޯޓާއި ގުޅިގެން މިހާތަނަށް ފުލުހުން އަދި މަރުކަޒީ ބޭންކުން ވެސް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.