އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏަށް ފިޔަވަޅު އަޅައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއިގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޕާސްޕޯޓުތައް އަތުލުމާއެކު މި މަހުގެ 24 ވަނަ ދުވަހު އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާކަން އަންގާފައިވާކަމަށާއި، ނަމަވެސް އެއަށްފަހު މިވަގުތު ސައުދި އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެފައިވާކަމަށެވެ. އަދި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންވާކަމަށާއި، އެހެންކަމުން އުމްރާ ދަތުރު ފަސްކޮށްފައިވާކަން އެ ކުންފުނިން މީހުންނަށް އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއާއެކު އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާ ދައްކާފައިވާ މީހުން، އެ މީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް އަސްކޮއި ކުންފުނީގެ އިސްވެރިޔާއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް އައިސްފައިވާކަމަށް ބުނެފައެވެ.
އެހެންކަމުން އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއި ޓްރެވެލް ސާވިސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއެކު އެ ކުންފުނި ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަސްކޮއި ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ 2025 ގެ ޖުލައިގެ އުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ފައިސާތައް އަނބުރާ ދެއްކުމަށްވެސް އެ ކުންފުންޏަށް އަންގާފައިވާކަމަށާއި، މި މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާކަމަށެވެ. މިނިސްޓްރީން ވަނީ މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މީގެ ކުރިން ވެސް އަސްކޮއި ގުރޫޕުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. ނިމިދިޔަ ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އެ ގުރޫޕުގެ ހަވާލުގައި އުމުރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދެވެން ނެތް ކަމަށް އެންގާފައިވާ ކަމަށް ބުނެ އޭރު ސޯޝަލް މީޑިއާގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އެ މައްސަލަތަކާއި ގުޅިގެން އޭރު މިނިސްޓްރީން އެ މައްސަލަ ބެލުމަށްފަހު އަސްކޮއި ގުރޫޕު ވަނީ 130,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި މީހުންނަށް ރިފަންޑު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ އަންގާފައެވެ.
ސަލާމް، ތިޔަވަރު ބޮޑުކަމެއް ހިނގާ، ތިޔަވަރުގެ ބޮޑު އަދަދަކުން ޖޫރިމާނާކޮއް އަދި ތިޔަހާ ދިގުކޮއް ތިޔަވާހަކަ ލިޔުނުއިރުވެސް ތިޔަބުނާ ކޮޔެއްގެ ފޮށޯގަނޑެއްވެސް ނުފެނުނު، އަނެއްކާ އެހެންނަމެއްގައި އެހެން ކޮޔަކަށްވެގެން މަސައްކަތް ފެށީމާ އަނެއްކާވެސް އެހެންމީހުންތަކެއް ފައިސާ ދައްކައިގެން ޙާލުގައި ޖެހެންވީއެވެ.