ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި، ހަސަން ސާބިރު މިއަދު އަވަހާރަވެއްޖެ އެވެ.

ސާބިރު އަވަހާރަވިއިރު ދިޔައީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވަމުންނެވެ. އަދި އެބޭފުޅާ އަވަހާރަވެފައިވަނީ މިއަދު ހެނދުނު 7:31 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ހަސަން ސާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައާއި ރާއްޖޭގެ އިގްތިސާދީ ދާއިރާ ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަގާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއެވެ. އަދި ހާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ސާބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. ސޯބިރަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެބޭފުޅާއަކީ ރާއްޖޭން އެކި ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސާބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998 އިން 2004 އަށެވެ. އަދި އެބޭފުޅާ ވަނީ 1991 ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

މީގެ އިތުރުން ވެސް 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އއ. އަތޮޅުގެ މެންބަރުކަން ކުރައްވުމުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް ސާބިރުގެ ހިއްސާ އޮތެވެ.

ސާބިރު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.