ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު، މ. މާހުރާ، އަހްމަދު ސަލީމަށް އަރުވައިފިއެވެ.

މި ޝަރަފު އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އަހްމަދު ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ހާރިޖީ ދާއިރާގައެވެ. އެ މަނިކުފާނު ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން ޖުލައި 7، 1968 ގައެވެ. މިގޮތުން ހާރިޖީ ދާއިރާގައި އަހްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައެވެ. އެ މަނިކުފާނު އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމް، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމުގެ މަގާމް، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ހިދުމަތް ކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާ ބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް އަހްމަދު ސަލީމް އަދާކުރައްވާފައިވެއެވެ. އަހްމަދު ސަލީމް ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަގުވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވައިފައެވެ. މީގެއިތުރުން އަހްމަދު ސަލީމް ވަނީ އެ މިނިސްޓްރީގެ "ފޮރިން ސާވިސް އިންސްޓިޓިއުޓް" ވެސް ހިންގަވާފައެވެ.

އަހްމަދު ސަލީމަކީ، ރާއްޖޭގެ ހާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސްގެ ގަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އަޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަހްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު އަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަސްދީ ކުރެވުނު ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަހްމަދު ސަލީމެވެ.

އަހްމަދު ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރު އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުވެސް އަހްމަދު ސަލީމް ފުރުއްވައިފައިވެއެވެ.

އަހްމަދު ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.