ދަރިފުޅު އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލާގައި، އެ ކުއްޖާގެ މަންމަ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލާގައި ހޯދަން އިއުލާންކުރީ ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ (40އ) އެވެ.
ފުލުހުން ބުނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ސާޖަންޓް އާ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް، ޖުލައި 27 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.
ރާއްޖޭގައި މަދުން ނަމަވެސް، މައިމީހާގެ ފަރާތުން ދަރިފުޅަށް މަސްތުވާތަކެތީގެ އަސަރުކޮށް، އެކަމުގެ ސަބަބުން ދަރިފުޅަށް ސިއްހީ ގިނަ ކަންތައްތައް ދިމާވާ މައްސަލަތައް ފެންމަތިވެފައެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި އާއިލާގައި ތުއްތުކުއްޖާގެ ޒިންމާ ނަގާނެ ފަރާތެއް ނެތްނަމަ އެ ފަދަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާކަން ވެސް ފާހަގަކުރެވެއެވެ.