ޕަބްލިކް ވޯކްސް ހިދުމަތްދޭ ޔުނިޓްތައް ގާއިމްކުރާނެ ރަށްތައް ސަރުކާރުން ކަނޑައަޅައިފިއެވެ.
ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ހިދުމަތް (ޕަބްލިކް ވޯކްސް) ދިނުމަށް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ވިދާޅުވެފައެވެ.
ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއިން ބުނީ ރަށްރަށުގެ މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި، ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުންފަދަ އާންމު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައިނެތް އަތޮޅުތަކުގެ ތެރެއިން މިހާތަނަށް އިއުލާނު ނުކުރެވޭ އަތޮޅުތަކުގައި އާންމު ހިދުމަތްދޭ ޔުނިޓް ގާއިމު ކުރާނެ ރަށްތައް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
ޕަބްލިކް ވޯކްސް ޔުނިޓް ގާއިމުކުރުމަށް ކަނޑައެޅި ރަށްތައް:
- ހއ. ދިއްދޫ
- ށ. ފުނަދޫ
- ނ. މަނަދޫ
- ބ. އޭދަފުށި
- ޅ. ނައިފަރު
- ކ. ތުލުސްދޫ
- އއ. ރަސްދޫ
- އދ. މަހިބަދޫ
- ވ. ފެލިދޫ
- މ. މުލި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ވޭމަންޑޫ
- ގއ. ވިލިނގިލި
މި ރަށްތައް ކަނޑައެޅުމުގައި އާންމު މިންގަނޑެއް ކަމަށް ބަލާފައިވަނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަތައް ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ސަރުކާރުން މި ރަށްތައް ކަނޑައެޅުމާއި ގުޅިގެން އާންމު ހިދުމަތްދޭ ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމުގެ އިދާރީ މަސައްކަތް އެ މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ހިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުުރުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަހައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވޯކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަން ވެސް ރައީސް ވަނީ މީގެކުރިން އިއުލާންކުރައްވާފައެވެ.