ފ. މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓަށް ގެއްލުންތަކެއް ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މަގޫދޫ އެއާޕޯޓަށް، ރޭގެ ވަގުތެއްގައި ގެއްލުންތަކެއް ދީފައިވާ މައްސަލަ މިއަދު ހެނދުނު 7:47 ހާއިރު ފުލުުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްގައި އިމާރާތް ކޮށްފައިވާ އެއާޕޯޓް ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލާފައިވާ ކަމާއި އަލިފާން ރޯކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.