ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސްގެ ލޯގޯއަށް ބަދަލުތަކެއް ގެނެއްސިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ލޯގޯއަށް ގެނެވުނު ބަދަލުގެ ސަބަބުން ހުރިހާ ވަސީލަތެއްގައިވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ގާއިމުކުރެވޭނެ ކަމަށެވެ.

އެގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނޭކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ލޯގޯގެ މުޅި ސިފައަށް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، ނަމަވެސް ގެނެވުނު މި ކުދިކުދި ބަދަލުތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވެގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ބަދަލުތަކާއެކު ބޭނުންކުރާ ފޮންޓުތަކާއި، މަންޒިލާ ގުޅޭ މަންޒަރުތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދެވިގެން ދާނެކަމަށާއި އިތުރު ގްރެފިކްސްތަކަށް ބަރޯސާވުންވެސް މަދުކުރެވިގެންދާނެ ކަމަށެވެ. މި ކަމުގެ ސަބަބުން ހުރިހާ މުއާމަލާތެއްވެސް އިތުރަށް ސާފުވެގެންދާނެ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

އެއާއެކު އެމްއެމްޕީއާރްސީ އިން ބުނީ ޖުލައި 6 ވަނަ ދުވަހުން ފެށިގެން ހުރިހާ މަންސަތަކެއްގައި އަދި ވަސީލަތް ތަކެއްގައިވެސް މިހާރު ބޭނުން ކުރެވެމުންދަނީ އިސްލާހުކުރެވިފައިވާ ލޯގޯކަމަށެވެ. އެމްއެމްޕީއާރްސީ އިން ބުނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަސްލު ދަމަހެއްޓުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.