މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ހިތްތަލަވިލާ، އަހްމަދު ނަޘްމީންއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 10ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ނަޘްމީން ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމްއެވެ،

އޭގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ނަޘްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.