މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ނިންމައި، އެ އެއާޕޯޓަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފަށައިފިއެވެ.
ވައިޑް ބޮޑީ ބަތިންދާބޯޓު ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ތަރައްގީކޮށް، ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މޯލްޑިވިއަންގެ އޭ330 މިއަދު އެ އެއާޕޯޓަށް ޖައްސާފައިވެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންއެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަށް އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވަނީ 49 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.
2 ވަނަ ފިޔަވައްސަށް 27 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވާއިރު 2 ވަނަ ފިޔަވަހީގައި ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ރަންވޭ ބޮޑުކުރުމާއި، ލައިޓް ސިސްޓަމް އަޕްގްރޭޑްކުރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
މުއްތަލިބް ވިދާޅުވީ މިއަދު ފާހަގަ ކުރަނީ ހަމައެކަނި އެއާޕޯޓެއް ހުޅުވިގެންދިއުން ނޫން ކަމަށާއި ފާހަގަ ކުރަނީ ދިވެހިރާއްޖެއާ ޔުނައިޓެޑް އަރަބި އެމިރޭޓްސްއާ އޮތް ބަދަހި ގުޅުން ކަމަށެވެ. އަދ މިގުޅުމުގެ އެންމެ ބޮޑަށް ދައްކުވައިދެނީ މާފަރު އެއާޕޯޓުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ފުރަތަމަ ހުޅުވާފައި ވަނީ ޑިސެމްބަރު 1، 2019 ގައެވެ. ފުރަތަމަ ފިޔަވަހި ނިންމައި، އެއާޕޯޓު ހުޅުވީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ކަމުގައިވީ ނަމަވެސް 2 ވަަނަ ދިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް މިއަދު ހުޅުވާފައި ވަނީ ބޮއޭންގ 777 ޖެއްސޭ ފެންވަރަށެވެ.