މާލޭގައި ހުންނަ އޮލިވް ގާޑެން ރެސްޓޯރެންޓަށް ފޭކު ސްލިޕް ފޮނުވައިގެން ދެއަހަރު ދުވަސް ވަންދެން ކެއި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، އެކި ދުވަސްމަތިން އޮލިވް ގާޑަން ރެސްޓޯރެންޓުން ފަޒީލް ކާތަކެތި އޯޑަރުކޮށް، އެތަކެތި ބަލައިގެންފައިވާކަމަށެވެ. އަދި މި ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން އަސްލު ބިލުގައިވާ ފައިސާއަށްވުރެ މަދުން ފައިސާ ޓްރާންސްފާކޮށްފައިވާކަމަށް މި ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ހުކުމުގައި ވަނީ ފަޒީލް، ބިލުގައިވާ ފައިސާގެ އަދަދު ހިމަނައިގެން ސައްހަ ނޫން ސްލިޕް ތައްޔާރުކޮށް، ވައިބާ މެދުވެރިކޮށް ރެސްޓޯރެންޓަށް ފޮނުވާފައިވާކަމަށެވެ. މިގޮތުން 115,000 ރުފިޔާގެ ވިޔަފާރި ކޮށްފައިވާކަމަށް ހުކުމުގައި ބުނެފައިވާއިރު މި މައްސަލައިގައި ފަޒީލްގެ މައްޗަށް ކުރެވުނު ދެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ހަ މަސް ދުވަހަށް ގޭ ބަންދުކޮށް، 1 އަހަރާއި 22 ދުވަހަށް ޖަލަށްލުމަށް ވަނި ހުކުމްކޮށްފައެވެ. އަދި ދެވަނަ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ދެ ދައުވާގެ ހުކުމަށް ބަލާއިރު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ފަޒީލް ޖަލުގައި އެއް އަހަރާއި ހަތަރު މަސް ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރަންޖެހެއެވެ.