ކައުންސިލްތައް ޒިންމާދާރުކުރުމަށްޓަކައި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)ގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމާފައިވާކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީ ސަމަރީ ރިޕޯޓު އާންމުކުރުމުގެ ބޭނުމަކީ ކައުންސިލްތައް ޖަވާބުދާރީ ކުރުވުން ކަމަށާއި އަދި ޒިންމާދާރުކުރުވުން ކަމަށެވެ.

މީގެއިތުރުން މިކަމުގެ ސަބަބުން ގުޑް ގަވަނަންސްގެ ހަމަތައް ދެމެހެއްޓުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝަރީފް ވަނީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރަށް އޮންނަ ތަންތަނަށް ހަދަންޖެހޭކަމަށާއި، ކައުންސިލްތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތް ކައުންސިލްތަކުން ބަލައިގެންފައިވާކަން މީގެކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ އެ މިނިސްޓްރީގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކާއި ސަރުކާރު ގުޅުވައި ދިނުން ކަމަށާއި މިހާތަނަށް އައި އިރު މިނިސްޓްރީގެ ހިންގުމުގެ އުސޫލުތައް އެކުލެވި ނިޒާމަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި މި ނަޒާމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށާއި އެކަންކުރުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެންޖެހެނީ ކައުންސިލްތަކަށް ކަމަށެވެ.