އައްޑޫ ސިޓީގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ބަލި އިތުރުވަމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެދިއްޖެއެވެ.

އޭއީއެޗް އިން ބުނީ، ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަައް އެޅުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:

- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސައި ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރުން

- ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން

- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. އަދި ހާއްސަކޮށް އެ ފަދަ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އިތުރުން، ކުޑަކުދިން ނުގެންދިއުން

- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން އުރައި ނުހަދައި، އެ ކުދިންނާ ކައިރިނުވުން

- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

- ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން

- އެ ފަދަ ފަރާތަކަށް ރޯގާޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

މީގެ އިތުރުން އޭއީއެޗްއިން ވަނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނައިރު، ބަލި މީހާއާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް އައުމަށް އެދިފައެވެ.