ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ފަރުވާއަށް އިންޝިއުރަންސް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މިއަދު ފެށުނު 1447 ވަނަ އާ އަހަރާއެކު ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އިންޝުއަރެންސް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދިނެވެ.

މިފަދައިން ނިންމާފައި ވަނީ އާސަންދަ ކަވާ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށް ވެއެވެ.

ހަމަ އެހެންމެ މި ސަރުކާރުން ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ، ނިމިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ވެސް ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައިވެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށް އެހީވެފައި ވެއެވެ.