ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރުފަހު 1:00އަށް ތާވަލުކޮށްފިއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑާ ކުރި ކަމަށް ކުރެވޭ ދައުވާގެ މާދަމާގެ އަޑުއެހުމުގައި އޮންނާނީ ދިފާއީ ހެކިބަސް ނެގުމެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ. މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ތިއްބެވި 2 ބޭފުޅުން ކަމަށްވާ މާލޭގެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ނަރީޝް އަދި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ނުދޭން ނިންމާފައެވެ.
ޔާމީންގެ ފަރާތުން މި ދެ ހެކި ހުށަހެޅުއްވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތު ކުރުމަށެވެ. ނަރީޝް އަދި ޝުއާއު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް އަންގާފައި ވާތީ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޔާމީންގެ ވަކީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކިބަސް ނަގަން ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ.
އެއާއެކު ގާޒީ ވަނީ އެ ދެ ހެކިވެރިންނަށް އިތުރު ފުރުސަތެއްދީ، މާދަމާއަށް އަޑުއެހުމެއް ތާވަލުކުރައްވައިފައެވެ. ދިފާއުގައި ރައީސް ޔާމީން ހުށަހެޅުއްވި ހެކިންގެ ތެރެއިން ބާކީ ދެން އޮތީ އަބްދުﷲ ރަޝީދު އަދި ކުރި އަހުމަދު ކްރިކް ރިޒާގެ ހެކިބަސް ނެގުމެވެ.
ފުއްގިރި މައްސަލައިގައި ހެކިބަސް ދޭން ނަރީޝް ދެކޮޅު ހައްދަވާފައިވާ އިރު، ވ. އާރަށުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ދެއްވި ހެކި ބަހާ މެދު ވަނީ ސުވާލު އުފެދިފައެވެ. އާރަށް ކުއްޔަށް ދޫކުރުމުން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ދައުވާގައި އެމަނިކުފާނުގެ ފަރާތުން ނެގި ދިފާއީ ހެކިންގެ ހެކިބަހުގައި ވާ ގޮތުން، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ.
އާރަށް މައްސަލަގައި ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމްގައި ވަނީ ޔާމީންގެ ދިފާއުގައި ހެކިބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. ހެކިން ހެކިބަސް ދިން ގޮތުން އޮޅުވާލުމުގެ އިތުރުން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި، އެކަން ހާމަވެފައި ވަނީ ހެކިބަހުގައި ހުރި ފުށޫއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.
ނަރީޝް އަދި ރައީސް ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފައެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އަދި މި ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމުގައި ނަރީޝް ހުންނެވި އިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.