ރޭ އިފްތިތާހުކުރި "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ގައިދީންނާ ޖަލު އޮފިސަރުންގެ ހުނަރުތައް ދައްކާލައިފިއެވެ.
ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ ހުނަރާއި މަސައްކަތްތައް ދައްކާލައިފާ ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްެރިސްކޯ) މެދުވެރިކޮށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މި މައުރަޒުގައި 21 ގައިދީންގެ 16 އައިޓަމް އާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ބައިވެރިކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ކަރެކްޝަނަލް ސާވިސް އިން ބުނީ މި މައުރަޒުގައި ގައިދީންގެ އުފެއްދުންތައް ބައިވެރިކުރުވީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމައުއަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުންވެސް މި މައުރަޒުގައި ބައިވެރިވި މަގްސަދުގެ ތެރޭގައި ހިމެނޭކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.
މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ގައިދީންގެ ތެރެއިން ތިން ގައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދީފައިވާއިރު ކަރެކްޝަނަލް ސާވިސް އިން ބުނީ އިތުރު ގައިދީންނަށްވެސް މި ފުރުސަތު ދެވޭނެކަމަށެވެ.
މިމަހު 23 އިން ފެށިގެން 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި މައުރަޒުގައި ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ ބައިވެރިވެފައެވެ.