ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުޅިވަރުގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިއަދު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ ގާނޫނު ތަންފީޒުކޮށް، ގާނޫނުގައިވާ ގޮތަށް ކުރަން ޖެހޭ ކަންކަން ކުރޭތޯ ބެލުން ކަމަށެވެ.
މި ގާނޫނުގެ ތެރެއިން ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރެވި، ދެފުށް ފެންނަކަން އިތުރުކުރެވި މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުޅިވަރު ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން:
- ކުޅިވަރު ލާމަރުކަޒު ކުރުމަށް ބާރުއެޅިގެން ދާނެ
- ޕެރަލިމްޕިކް ކޮމިޓީއަށް ބާރު ލިބި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެގެން ދާނެ
- އަތޮޅު ލެވެލްގައި ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިގެން ދާނެ
މިއަދު ތަސްދީގުކުރި ކުޅިވަރު ގާނޫނުގެ އިސްލާހާ އެކު ސްޕޯޓްސް ކޯޕަރޭޝަން އުވިގެން ދާނެއެވެ. އެކަމަކު އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންނަށް ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށާއި އެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން ނުފޫޒު ނުފޯރާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އެފްއޭއެމްގެ ގިނަ މައްސަލަަތަކެއް ފެންމަތިވުމުގެ އިތުރުން، ބައިނަލްއަގުވާމީ ބެޑްމިންޓަން ޖަމިއްޔާ ބީޑަބްލިއުއެފްއިން މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.