ދިވެހިރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ޓެސްޓުކޮށްފިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ރާއްޖޭގެ ހައްޖުވެރިން ސައުދީ ( ޖިއްދާ) އެއާޕޯޓްގައި މަޑުކުރަން ނުޖެހި ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން 15 ހައްޖުވެރިއަކު ޖިއްދާގެ އިމިގްރޭޝަނުން ޓެސްޓްކޮށް ކާމިޔާބުކަމާއެކު މިނިޒާމް ތަޖްރިބާކޮށްފައިވާކަމަށެވެ. އަދި މި މަހުގެ 26 ވަނަ ދުވަހު މި ތާރީހީ ބަދަލު، ރައީސް ޑރ.މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ފުރުސަތު ލިބިފައިވަނީ ޖުމްލަ 7 ގައުމަކަށެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގެ އަމާޒަކީ، އެހެން ގައުމުތަކުން އަންނަ ހައްޖާޖީންގެ ހިދުމަތްތައް އިތުރުކޮށް، އެމީހުންނަށް ދިމާވާ ހުރަސްތައް ކުޑަކޮށް ބޭރުން އަންނަ ހައްޖުވެރިންގެ ދަތުރު ފަސޭހަކޮށްދިނުމެވެ. މައްކާ ރޫޓް އިންޝިއޭޓިވްގައި އިލެކްޓްރޯނިކް ވިސާ ދޫކުރުމާއި، އުފަން ގައުމުތަކުން ފުރުމުގެ އުސޫލުތައް ބެލެހެއްޓުމާއި، އެމީހުން ރިސީވްކުރުމާއި، މައްކާ އަދި މަދީނާގައި އެމީހުންގެ އެކޮމޮޑޭޝަންތަކަށް އެމީހުން ގެންގޮސް ދިނުން ހިމެނެއެވެ.