ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގް 'ސިއޭއޭ2' ގައި ދަމަހައްޓައިފިއެވެ.
ހުސްވި ޑިސެމްބަރު މަހު މޫޑީސް އިން ނެރުނު ރޭޓިންގްގައި ވެސް ރާއްޖެ އަށް ދީފައި ވަނީ 'ސިއޭއޭ2' އެވެ. 'ސީއޭއޭ2' ރޭޓިންއަކީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ 'ޖަންކް' ރޭޓިންއެކެވެ.
އޭރު ކްރެޑިޓް ރޭޓިންގް ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސްއިން އާންމުކޮށް ޝާއިއުކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްއިން މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު ދީފައިވާ ރިވިއުގައި ބުނެފައި ވަނީ ބޭރު ފައިސާއާ ގުޅޭ ގަވައިދުތައް މިދިޔަ އަހަރު ތެރޭ ހަރުކަށިކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމުގެ އިތުބާރު ކޮންމެވެސް ވަރަކަށް ރާއްޖެއިން ހޯދާފައިވާ ކަމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރެވޭނެކަން ފާހަގަކުރި މައިގަނޑު ސަބަބަކީ ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް މިދިޔަ އަހަރު ތެރޭ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ކަމަށް ވެއެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރުމަށް ފައިނޭންސިން ނުވަތަ ފައިސާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއަށް ހަނިވެފައިވާ ކަމަށް ބުނެ އެ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުން ކަމަށް ވެސް މޫޑީސް އިން ބުނެއެވެ.
ރަނގަޅު ރޭޓިންއަކަށް ރާއްޖެ ގެންދިއުމަށް މޫޑީސް އިން ވަނީ އިރުޝާދުތަކެއް ވެސް ދީފައެވެ. އެގޮތުން ބޭރު ފައިސާގެ ރިޒާވް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް ކުރިއެރުން ލިބޭކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށާއި ދަރަނި ދެއްކުމަށް ފުދޭ ވަރަށް ފައިނޭންސް ފައިސާ ހޯދޭނޭ ޔަގީންގޮތްތަކެއް ކަށަވަރުކުރުމަށް ލަފާ ދީފައި ވެއެވެ.
އަދި އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ ރާއްޖޭގެ ރޭޓިން ދަށްވުމުގެ ފުރުސަތު ވެސް އޮތްކަމަށް މޫޑީސް އިން ވަނީ ފާހަގަކޮށްފައެވެ.