ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލު، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލްތައް ތަންފީޒްކުރަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން. ގާނޫނީ ވެރިކަން އަދި ދެފުއް ފެންނަ ނިޒާމު ފުރިހަމަކުރަންޖެހޭކަމަށެވެ. ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެގެން އައިތާ ގިނަދުވަސްތަކެއް ވީނަމަވެސް އަދިވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބާ ދެމެދު އޮންނަނީ 6 މަސް ދުވަހުގެ ތަފާތެއްކަމަށެވެ. ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ މި ދެ އިންތިހާބު އެއްކޮށް ބޭއްވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެންނަމަވެސް އެނިންމުން އެމަނިކުފާނު އަމިއްލަފުޅަށް ނުނިންމަވާނެމަށެވެ. އަދި އަކަން ނިންމަންވާނީ ރައްޔިތުންގެ މަޝްވަރާއާ އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކުކަމަށެވެ. ދެ އިންތިހާބު އެކީގައި ބޭއްވުމުން ރައްޔިތުންނަށް އެތަކެއް ފައިދާ ކުރާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަރަދުގެ ގޮތުންވެސް އެތައް މިލިޔަން ރުފިޔާއެއް ސަލާމާތް ކުރެވޭނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމާއި، ރިޔާސީ އިންހާބުގެ އެއްބުރު ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލިސް ދެވަނަ ދައުރަށް ހުޅުވުމުން، ހުށަހަޅުއްވާނެކަމަށެވެ.