ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިކަން އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅިވީ އާއިލާތަކުގެ ބައިނަލްއަގްވާމީ ދުވަހު، ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަން ލިބުމަށް އެދިވަޑައުގަންނަވާ ކަމަށެވެ. އަދި އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާކަން އެމަނކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަސްރާއި ކާމިޔާބީ މިންވަރު ކުރެއްވުމަށް އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.
ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހެވެ.