އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "މައި ހުޅުމާލެ" މަސްރޭސް ފަސްދޮޅަހަށްވުރެ ގިނަ ޓީމާއެކު މާދަމާރޭ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް ބޮޑެތި ފައިސާގެ އިނާމުތައް ލިބޭގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

އެޗްޑީސީން ބުނީ މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 15، 2025 ގައިކަމަށެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.

ރޭހުގައި ބައިވެރިވެގެން އެއްވަނައަށްދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޭޓް ސްކޭޕް

މާދަމާ މަސް ރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕް" ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މިއީ ރޯލާ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓާ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ހަރަކާތް އޮންނާނީ މެއި 15 ވަނަ ދުވަހުގެ 16:00 އިން 22:00 އަށް، ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައިކަމަށެވެ. އަދި ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މެއި 15، 2025 ގެ 14:00 އެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު ސައިކްލިންގ ޗެމްޕިއަންޝިޕް އަދި އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕްގެ އިތުރުން މި މަހުގެ 17 ވަނަ ދުވަހު ބީޗް ފެސްޓެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.