ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލައިގައި އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް، އަދި މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއިލް (އިބްރާ) އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭނާ ފުރަތަމަ މައްސަލަ ހުށަހެޅުއްވީ ހައި ކޯޓަށެވެ. އެ މައްސަލަ އެ ކޯޓުން ބަލައި ނުގަތުމުން އިބްރާ ދެން ދުސްތޫރީ މައްސަލައެއް ގޮތުގައި ހުށަހެޅުއްވީ ސުޕްރީމް ކޯތަށެވެ. އެ މައްސަލަ އެ ކޯޓުން ވެސް ބަލައި ނުގަތުމުން މިދިޔަ އާދިއްތަ ދުވަހު އިބްރާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑީޔާރުންގެ މަޖިލީހަށް މި ަމއްސަލަ ހުށަހަޅައި އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުއްވާފައެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އިބްރާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު،އެކަމުގެ ވަށައިގެން ހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ދުސްތުރު ނިުއޅި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހައި ރައްކާތެރިކަން ގެއްލިގެން ދާނެ ކަމެއް ކަމަށެވެ. އަދި މިކަން ނިހާއީ ދަރަޖައަކަށް ސިއުމަށްފަހު އަލުން އަނބުރާ ހޭރިޔާކުރުމަށް ދަތި އުނދަގޫ، އަދި ފަހަރުގައި މި ކަން ރަނގަޅު ކުރުމަށް ޒަމާނތަކެއް ނަގާފާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

މި މައްސަލަ އުފެދިގެން އައި އިރު ސުޕްރީމް ކޯޓަށް ދުސްތުރީ މައްސަލައެއް ވެސް ބެލޭނެ ގޮތެއް ނެތުމަކީ ހުރި ކނަބޮޑުވުމެއް ކަން އިބްރާ ފާހަގަކުރެއްވިއެވެ. މި މައްސަލައަކީ ޖޭއެސްސީއަށް ރައްދުވާ މައްސަލައަކަށް ވާ އިރު، ހުށަހެޅި ދުސްތޫރީ މައްސަލައަށް ރަޖިސްޓްރާ ގޮތް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރަޖިސްޓްރާ އެ މަގާމަށް އައްޔަންކޯށް އަދި ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ޖޭއެސްސީއަށް ކަމަށެވެ. އަދި މި މައްސަލަ ރައްދުވާ ފަރާތުގެ ނުފޫޒުގެ ދަށޫގައި ރަޖިސްޓްރާ ހުންނެވުން ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދަވައި ދެއްވުމަށާއި މި މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު މިއަދުން މިއަދަށް ގޮތެއް ނިންމެވޭނެ މަގެއް ހޯދައި ދެއްވުމަށް އިބްރާ އެދިވަޑައިގެންފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަޕެންޑް ކުރުމުން އޭގެތެރެއިން ހުސްނުސުއޫދު ވަނީ ފަނޑީޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ޖޭއެސްސީން ބަލަން ފެށިއެވެ. އަދި އެ ދެ ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވި ކަން އެ ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

އެއަށްފަހު މި މައްސަލަ މަޖީލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ފާސްކޮށްފައި ވަނީ ވެސް އެ ފަނޑިޔާރުން ވަކިކުރާ ގޮތަށެވެ. ދެން އޮންނާނީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ތަޅުމުން ގޮތް ނިންމުމެވެ. ގާނޫނުގައިވާ ގޮތުން ދެ ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައި ކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.