ދިވެހިރާއްޖެއާއި ކުވައިތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެ ގައުމުގެ އެކްޓިން ޕްރައިމް މިނިސްޓަރު އަދި އިންޓީރިއަރާ މިނިސްޓަރު ފަހަދު ޔޫސުފު ސައުދު އަލް ސަބާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ފަހަދު ޔޫސުފާ ބައްދަލުކުރައްވާ ރާއްޖެއަށް ކުވައިތުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ވާކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓުގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ހަލީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެއާއެކު މި ބައްދަލުކުރުމުގައި ރާއްޖެއާއި ކުވައިތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރުމުގައި ކުވައިތުގެ އެކްޓިން ޕްރައިމް މިނިސްޓަރު ވަނީ ރާއްޖެއާއި ކުވައިތާ ދެ ގައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރުމުގައި ހަލީލް ވަނީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކުވައިތުގެ އަމީރަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ހަލީލްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.