ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
"ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހުޅުވާލީ އޭޕްރިލް 15، 2025 ގައެވެ.
މި ސްކޮލާޝިޕަ ކުރިމަތިލުމުގެ މުއްދަތު މޭ 29، 2025 ގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާއިރު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނީ ކުރިން ކުރެވިފައިވާ އިއުލާނުގައިވާ މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލަޝިޕްގެ އެޕްލިކޭޝަން ފޯމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ ފަރާތުން ތައްގަނޑު ޖެހުމަށް ހިމަނާފައިވީނަމަވެސް މިހާރު އެ އޮތޯރިޓީގެ ތައްގަނޑު ޖަހަން ނުޖެހޭނެކަމަށެވެ. އަދި ތައްގަނޑު ޖެހުމުގެ ބަދަލުގައި، އެ އޮތޯރިޓީގެ ފޯމު ފުރިހަމަ ކުރުމަށްފަހު، އެ އޮތޯރިޓީއަށް ހުށަހެޅުމުން ލިބޭ ޖަވާބާއިއެކު، މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލާޝިޕްގެ އެޕްލިކޭޝަން ފޯމު އަދި މަތީ ތައުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލާޝިޕްގެ ފޯމް ހުށަހެޅޭނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ. މި 50 ފުރުސަތުގެ ތެރެއިން ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލާފައެވެ.