ކިންގްސް ކެޕިޓަލްގެ މަސްލަހަތު އޮންނަ އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުންވެސް ތާއިދުކޮށްފިއެވެ.
ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލާފައިވަނީ އަލްހާން ފަހުމީގެ އިތުރުން، ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށެވެ. ދައުލަތުން އުފުލި ދައުވާގައިވަނީ އެ އާއިލާގެ ހިއްސާ އޮންނަ ކުންފުނިން ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށެވެ.
އެ ދައުވާތައް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މި ތިން މީހުންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައި މައްސަލަ ބޭރުކުރަން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ނިންމާފައެވެ. އަލްހާނުގެ 3 ބެއިންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު އެ ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަށް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އޮންނަކަމަށާއި އޭގެ ބޭނުމަކީ ކުންފުނި ކުށަށް ޒިންމާ ކުރުވުންކަން ބަޔާންކޮށްފައިވެއެވެ. އަދި މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަމަށް ވަނީ ބުނެފައެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ. އަދި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކާ މެދު ގޮތެއް ނިންމޭނީ މައުލޫއީ ގޮތުން މުޅި މައްސަލަ ބެލުމަށް ފަހު ކަމަށް ނިންމި ނިންމުމުގައި ގޯހެއް ނެތްކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. އިތުރަށް ހައިކޯޓުން ވަނީ ހުމަތު ކުރެވޭ ވަރަށް ހެކި ގަރީނާ އެބަހުރި ހެކި ގަރީނާއާ ގުޅޭ ގޮތުން ބަހުސެއް އޮތް ނަމަ އެ ކަން ވެސް ވަޒަން ކުރެވޭނީ މުޅި މައްސަލަ ކުރިއަށް ގެންގޮސްގެންކަން ފާހަގަކޮށްފައެވެ.