މާލޭގެ ބައެއް ސަރަހައްދުތަކުން ކްރަންޓު ކަނޑާލައިގެން ކުރިއަށް ގެންދާ މަސައްކަތަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތް ކަމަށާއި އެ މަސައްކަތާއި މާލޭ އިންޖީނުގޭގައި ހިންގި އަލިފާނުގެ ހާދިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައި ވަނީ މިދިޔަ މަހުގެ ތެރޭގައި މާލޭ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވާ މިހާރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ އެ ސަބަބާ ހުރެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވަހަކަތަކާ ގުޅުވާފައެެވެ.

ސްޓެލްކޯ އިން ބުނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހު މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި ހިނގި އަލިފާނުގެ ހާދިސާއަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ. އަދި މި ހާދިސާ ހިނގިތާ ދެ ދުވަހެއް ތެރޭ އިންޖީނު މަރާމާތު ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެއަށް ފަހު އެ އިންޖީނު ބޭނުން ކުރަމުން ދާ ކަމަށް ވެސް ބުނެއެވެ،

ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ ހުރި ކަމުގެ ޔަގީންކަން އަރުވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. މި ދުވސްވަރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.