ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެފަދައިން އަމަލުކޮށްފައިވާ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މުވައްޒަފުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި ކަން ހިނގާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު ކަމަށާއި އެ މައްސަލަ އާއި ގުޅިގެން މެއި މަހުގެ 11 ވަނަ ދުވަހު އެ ކްލިނިކުގައި މަސައްކަތް ކުރާ އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ:

  • ރާޖެސްވަރީ ސިވަކުމާރް (24އ)
  • އީޝާ އެންޓޮނެޓް (24އ)

ފުލުހުން ބުނީ މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައެވެ.

މި ކުއްޖާއަށް ޖިސްމާނީ އަނިޔާ ވާނެ ފަދައިން އަމަލުކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވެއެވެ. އަދި އެ ކުއްޖާ އެކަމުން ސަލާމަތްވާން ދުވާ މަންޒަރުވެސް ފެނެއެވެ. މި ހާދިސާއަށް ފަހު މި ކުއްޖާގެ އަތަށް ލިބިފައިހުރި އަނިޔާ ފެންނަ ފޮޓޯއެއް ވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ކުއްޖާގެ އިތުރުން އެހެން ކުދިންތަކަކަށް ޖިސްމާނީ އަނިޔާވާނެ ފަދައިން އަމަލުކުރި ކަމަށް ބުނާ ވީޑިއޯތަކެއްވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފިޒިއޯ ކްލިނިކް ގައެވެ. މި ހާދިސާއާއި ގުޅިގެން މި ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި، މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ.

https://www.instagram.com/p/DJgvhcyJEP0/?igsh=bTgxMjNjZG1vZGs1

މީގެއިތުރުން މިކަން ސަމާލުކަމަށް އައުމާއެކު އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ސީރިއަސް ކަމަށް ބަލާ މި ކްލިނިކު ވަގުތުން ބަންދު ކުރުމަށް ނިންމާފައިވާކަމަށްވެސް އެ ކްލިނިކުން ވަނީ ބުނެފައެވެ.