ތިން ރަށެއްގެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލު ކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
ޅ. ނައިފަރު ހޮސްޕިޓަލުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ. ޅ. ނައިފަރު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް 7,711,200.00 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަޑް އަހްމަދު ސައުދީއެވެ.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް 161،245،343.52 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ޕްރޮޖެކްޓުގެ އަގަކީ 147،437،634.24 ރުފިޔާއެވެ.