ޒަމާން ބަދަލުވެ ހަނގުރާމަ ކުރާ ގޮތްތައްވެސް މިއަދު ބަދަލުވެފައިވާ ކަމަށާއި ކަނޑިއާއި ބަޑިއާއި ލޮންސި ބޭނުންކޮށްގެން ހަނގުރާ ކުރުމުގެ އިތުރަށް މިއަދު ފިކުރީ ނުވަތަ ހައިބްރިޑް ހަނގުރާމައެއް ކުރަމުންދާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ މިއަދު ހަނގުރާމަތައްކޮށް ގައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ނުވަތަ ކައްޗަރީ ވިސްނުމާއި އޭގެ ހުނަރުތައް ކަމުގައި ވީ ހިނދު، މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައި ވަނީ މިފަދަ ނުރައްކާތަކުން ދަފަރާވުމުގެ މައްޗަށް ކަމަށެވެ. އަދި މި ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް، ނައިބު ރައީސް ވަނީ ގޮވާލައްވާފައެެވެ. މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ އަޒުމަކާއި، ހިތްވަރާއެކު، ކަމުގެ އިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށާއި، 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ވަނީ ގައުމެއްގެ އިޖުތިމާއީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަށް ކަމުގައި ސިފަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން، އިޖުތިމާއީ އެއްބައިވަންތަކަމާއި އިގްތިސާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މައުލޫމާތު ފެތުރިގެންދާކަމަށެވެ. އަދި މިފަދަ ތޫނު ހަންޖަރުތަކުން ދެވޭ ޒަހަމްތަކަކީ ގައުމު ބައިބައިވެ، ގައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ގައުމީ މަސްލަހަތާ މެދު އޮންނަ އިތުބާރު ފުނޑުފުނޑުވެ، ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށާއި، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަތަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ހީގީ މާނައިގައި އަދާކޮށްގެން ކަމުގެވެ. އެހެންކަމުން ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތުގައި އަމަލާއި ބަހުން ޝާމިލްވެ، ގައުމީ ތަރައްގީއަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

އަދުގެ ސަރުކާރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން އާންމު މަސްލަހަތުތައް ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންދާ ހަލުވި ތަރައްގީއާއި، މަސްނޫއީ ވިސްނުން ފުޅާވާމުން އަންނަ އައުމާއެކު ސައިބާ ސަލާމަތީ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީއާއެކު ހަރުދަނާކުރައްވަމުން ގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، ހައިބްރިޑް ހަނގުރާމައިން ދަފަރާވާން ކުރާންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ސައިބާ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއެކު ގައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި، ގައުމީ މަސްލަހަތުވެރީންނާ، އެކުވެރި ގުޅުންތަކާއެކު އުހުއްވަތްތެރިކަމުގެ ވިޔުގައެއް ގާއިމުކުރެވެމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އަސްކަރީ ބާރުވެރިކަމާއި، ދިވެހި ރައްޔިތުންނަށް ދެމުންދާ ސަލާމަތީ ހިދުމަތުގެ ދަންމަރު އެމަނިކުފާނު ގެންދަވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްވަމުންކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީއާއި ތަހުޒީބު، އަދި އިޖުތިމާއީ ރައްކާތެރިކަމާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ގެންދަވަނީ ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވަމުންކަން ފާހަގަކުރައްވާ، ނައިބު ރައީސްވަނީ ދިވެހި ގައުމު އާރާސްތުކުރައްވައި ދިވެހި ގައުމުގެ ހައިބަތާއި އިއްޒަތް ދުނިޔެއަށް ހާމަކުރެއްވުމުގައި ރައީސް ކުރައްވަމުން ގެންދަވާ އަގުހުރި، ހިކުމަތްތެރި މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދިވެހި ގައުމަށް ޓަކައި ގުރުބާންވެވަޑައިގެންނެވި ގައުމީ ބަތަލުންނަށް ހެޔޮ ރަޙުމަތްލެއްވުމަށާއި، ދިވެހި ގައުމަށް ނަސްރާއި ފަތަހަ އަބަދުމެ މިންވަރުކުރެއްވުމަށް ދުއާ ދަންނަވަމުންނެވެ.