މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެނަށް އަރިސްކުރަމުން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރެޓިކް ޕާޓީއަކީ އަބަދުވެސް ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ސިޔާސީ ޕާޓީ ކަމަށެވެ.

2008 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އެމްޑީޕީގެ ސަރުކާރުން ފެށިގެން، ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ތަފާތު އެކި ސިޔާސަތުތައް ތަންފީޒުކުރެވުމަކީ އެކަމުގެ ހެއްކެއް ކަމަށް ބަޔާނުގައި ވެއެވެ.

އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ 2 ވަނަ ސަރުކާރުގައި އެ ޕާޓީގެ ފުރަތަމަ ސަރުކާރުގައި ތަންފީޒުކުރި ސިޔާސަތުތަކުގެ މައްޗަށް މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ހަރުދަނާކުރެވި ބޮޑެތި ބަދަލުތަކެއް ގެނެވުނު ކަމަށާއި އެގޮތުން، އެންމެ ފުރަތަމަ ފަހަރަށް ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ބެހުމާއި ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން 6 މަސް ދުވަހުގެ މެޓާރނިޓީ ލީވް ދިނުންފަދަ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރަން ފެށީ އެމްޑީޕީގެ ސަރުކާރުތަކުގައި ބުނެފައި ވެއެވެ.

"މަސައްކަތްތެރިންގެ ހައްގުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ ރާއްޖޭގައި އަލަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި އަމަލުކުރަން ފެށުމެވެ. މި ދެ ގާނޫނަކީވެސް މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ކަށަވަރުކުރެވިގެންދާނެ ދެ ގާނޫނެކެވެ"
އެމްޑީޕީގެ ބަޔާނުގައި ވެއޭ

ނަމަވެސް, ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މިވީ 6 ވަރަކަށް މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް އެމީހުންގެ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅުތައް އަޅާ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާ މަންޒަރުކަމަށާއި މިކަންކަމަކީ އެމްޑީޕީން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމެއް ކަމުގައި އެ ޕާޓީން ބުނެއެވެ.

އަދި އެފަދަ ކަމަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އަޅާފައިވާނަމަ އެ ޕާޓީއަށް ޝަކުވާ ހުށަހެޅުމުގެ ހާއްސަ އީމެއިލްއެއް ހަދާ އެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މީގެއިތުރުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެމްޑީޕީން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި ގާނޫނުން މަސައްކަތްތެރިންނަށް ލިބިފައިވާ އެންމެހައި ފުރުސަތުތަކަށް ޖާގަދީ، ސިޔާސީ ފިކުރަށް ބަލައި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އެޅުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.