ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރަށްރަށަށް ކުރި ކެމްޕެއިން ދަތުރުތަކުގެ ތެރެއިން 5.6 މިލިއަން ރުފިޔާ ނުދައްކައިގެން ގައުމީ އެއާލައިން މޯލްޑިވިއަން އިން، އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މޯލްޑިިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، 5.6 މިލިއަން ރުފިޔާގެ އިންވޮއިސް ތަކަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރި ދަތުރުތަކަކަށް އަރާފައިވާ އަދަދު ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހާ ދެމެދުގައި 10 އިންވޮއިސްއަކަށް ފައިސާ ނުދައްކާ ކަމަށް އިޔާސް ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު އެ ފައިސާ ދެއްކުމަށް އެމްޑީޕީއަށް ވަރަށް ގިނަ ފުރުސަތުތައް ދީފައިވާ ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގައި ވެސް އެމްޑީޕީއަށް ސިޓީއަކުން ވާނީ އެ ފައިސާ ދެއްކުމަށް އަންގާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ ފައިސާ ނުދައްކާ ނަމަ ދެން އެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާއަށް ދާނެ ކަމަށް ވެސް އަންގާފައި ވާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާ ނުދައްކާ އޮތުމުން މިއަދުގެ ވަގުތެއްގައި އެ މައްސަލަ ވާނީ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށް އިޔާސް ވިދާޅުވިއެވެ.