ޑޮކްޓަރެއްގެ ހައިސިއްޔަތުން ހިޖާމާ ޖެހުމަށް އިރުޝާދު ނުދެއްވާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓްރު، ޑރ.އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ.ނިޔާފް ވިދާޅުވީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އެއްވެސް ބަޔަކަށް ހިޖާމާ ޖެހުމަށް އިރުޝާދު ނުދެއްވާނެ ކަމަށާއި މިކަމާއި ގުޅިގެން އުފެދޭ ހިތްނުތަނަވަސް ކަމަށް ޑރ.ނިޔާފް ވަނީ މާފަށް އެދިވަޑައިގެންފައެވެ. ޑރ.ނިޔާފް އެދިވަޑައިގަންނަވަނީ މި ހިޔާލާއެކު އޭނާގެ އީމާން ކަމާ މެދު ސުވާލު ނުއުފެއްދުމަށެވެ. އަދި ހިޖާމާ ޖެހުމާއި ބެހޭގޮތުން ސުންނަތުގައި އޮންނަ ގޮތާ ގުޅޭ ގޮތުން ދަންނަބޭކަލެއްގެ ގާތުން އެހުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ހިޖާމާ ޖެހުމާއި ބެހޭ ގޮތުން ޑރ.ނިޔާފް ހިޔާލު ފާޅު ކުރެއްވީ، ހިޖާމާ ޖެހުމަށް ވަކި އުމުރެއް ނޯންކަމަށް ބުނެ އާންމު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކަށް މީހަކު ޑރ.ނިޔާފްގެ ހިޔާލަށް އެދުމުންނެވެ.

ޑރ.ނިޔާފް ވިދާޅުވީ ހިޖާމާ ޖެހުމާއި ބެހޭގޮތުން ސައިންސްގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެއްވެސް ބައްޔަކަށް ބޭސް ކުރުމަށް ހިޖާމާގެ ފަރުވާއަށް އިރުޝާދު ނުދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެ ގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ހިޖާމާ ޖެހުމަކީ މިހާރަކަށް އައިސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ފަރުވާއެކެވެ.