ހުވަދޫ ކަނޑަށް ބަންޑުންޖަހާލި "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ދިވެހި އަސްކަރިއްޔާއިން ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ބޮޑު ސަރަހައްދެއް ބަލައި ފާސްކުރި ނަމަވެސް، ހާދިސާއަށް 11 ދުވަސް ވީއިރުވެސް އަދި އެ މީހުން ނުފެންނަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
2026 އޮގަސްޓް 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން މި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ވަނީ ބަލާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ދޯނި އަޑިޔަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ލޭންޑިން ކްރާފްޓަކާއި ޕޮލިސް ލޯންޗެއްގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނިން ފުންމާލި މީހުންނާއި ބަންޑުންޖަހާލި ވަގުތު ބޭރަށް ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ކަމަށެވެ. އަދި ގެއްލުނު މީހުން އޮޔާ ހިނގައިދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ރިޢާޔަތްކޮށް ހައްދުންމަތި އަދި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ.
މި އޮޕަރޭޝަންގައި މޯލްޑިވިއަންގެ އެއާކްރާފްޓްގެ އިތުރުން، އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުމަތި ބެލުމުގެ ގާބިލުކަން ލިބިފައިވާ ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންތަކާއި، އޮސްޓްރޭލިޔާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ޒަމާނީ ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެމެރިކާ ނޭވީގެ ޕީ8 މަރުކާގެ ސާޗް އެންޑް ރެސްކިއު މަތިންދާބޯޓެއް ބޭނުންކޮށްގެން މުޅި ހުވަދޫ ކަނޑުން 6,300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް މިއަދު ވަނީ ބަލާފައެވެ.
ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށްވުމުންނާއި، މިއީ އިންސާނުންނަށް ޑައިވްކޮށްގެން އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭނެ ފުންމިނަކަށް ނުވާތީ، ގެއްލިފައިވާ މީހުން ކަނޑުމަތިން ދިރިތިއްބާ ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާއާ ގުޅިގެން 16 އޮގަސްޓް 2026 ގެ 18:00 އާ ހަމައަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު އަދި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
